ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ.

ސެމުއެލް ޕާންދްޔާގެ މަޑު ރީތި ގިޓާގެ ނަލަ އަޑުގެ ތެރެއިން ޕްރިޔާ މަލިކްގެ ޖާދުވީ ދުލުން ހުށައަޅާފައިވާ ޅެން "މުޖޭ ޕިޔާރް ނެހީނ، އިޝްގް ޗާހިޔޭ" އެންމެ ފުރަތަމަ ފެނުނު ހިސާބުން އަހަރެންގެ ހިތުގައި މި ޅެމަށް ޚާއްސަ ލަގަބެއް ދެވުނެވެ. ހީވީ ހަމަ އަހަރެންގެ ހިތުގެ އެންމެ ފުނަށް ޕްރިޔާ ދަތުރުކޮށް ހިތުގެ އުދާސްތައް އޭނާ މިޅެމަށް ފައްތާލި ހެންނެވެ. އުރްދޫގެ ސާފުރީތި ބަހުރުވައިން އަމުނާލި އާޝޯހް ކުރުވަނިވި ބަސްތައް އިވުމުން އެ ދިވެހި ބަހަށް ގެނައުމުގެ ޚިޔާލު ހިތުތެރެއިން ނުދިޔައީތީ ދެން މިކަންވެސް ކުރަން އަހަރެންގެ ހިތް އަހަންނަށް މަޖްބޫރު ކުރުވީއެވެ.

އަހަރެންގެ ދިވެހި ބަސްމަގުގެ ކޮށިކަމާއެކުވެސް މިޅެން ތަރުޖަމާ ކުރަން ކުރި ކުޑަވަރެއްގެ މަސައްކަތެއް ތިރީގައި މިވަނީ އެވެ.   

 

ބޭނުންވަނީ އިޖާޒަތެއް ނޫން، އަހަރެންގެ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމެވެ. ބޭނުންވަނީ އެއްވެސް ފޮތެއްގައިވެސް އަދި މިހާތަނަށް ލިޔެވިފައިނުވާ ދާސްތާއެއް ލިޔުމެވެ.

ބޭނުންވަނީ ތިޔަ ދައްކާ ހުރިހާ ވާހަކަތަކަށްވުރެން ތިބާގެ އަމަލުން އެ އިޚްލާސްތެރިކަން ފެނުމެވެ. ބޭނުންވަނީ ހަދިޔާގެ ގޮތުގައި އަގުބޮޑު ގަހަނާއެއް ނޫނެވެ. ތިބާ އަހަރެންގެ ގާތުގައި ހުރުމުގެ އިހްސާސްުުވުމެވެ. އަހަރެން ފެންބޮވައިގެންފައިވަނީ އޭގެ މިސާލެއްނުވާ، ސާފު، އިނާޔަތްތެރި ލޯތްބަކަށެވެ.

ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ.

ބޭނުންވަނީ ހޯލްމާކުގެ ކާޑެއްނޫން، އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމް ކުރުމެވެ. ބޭނުންވަނީ ޑޭޓްތަކަށް ދިއުމެއްނޫން، ލޯބީގެ ވައިމަތީގައި އުދުހޭ ދޫނި ފަދައިން ނަށާލުމެވެ.

ބޭނުންވަނީ އަގުބޮޑު ހޮޓާތަކުން މޮޅެތި ފަރީއްކޮޅު ތަކެއްނޫން، އަހަރެންގެ އަމިއްލަ ނަފުސުގެ މަޤާމު އެގޮތުގައި ހިފަހައްޓާށެވެ. ބޭނުންވަނީ މެސެޖްގައި ސްމައިލީ އިމޯޖީ އެއްނޫން، ތިބާ އަހަރެންގެ މޫނުމައްޗަށްހަޤީޤީ ހިނިތުންވުން ގެނައުމެވެ.

ބޭނުންވަނީ މީސްމީޑިއާގައި މީހުންނަށް ދަޅަދައްކާ ކަހަލަ ލޯތްބެއްނޫނެވެ. ބޭނުމީ ހަޤީޤީ ލޯތްބެކެވެ.

ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ.

ހޭޝްޓެގް ފޮރއެވަރގެ ވައުުދުތައް އަހަންނާއި ދުރުގައި ބަހައްޓާށެވެ. ހުވަފެން އަހަންނަށް ނުދައްކާށެވެ. ފިލްމުތަކުން ފެންނަފަދަ އެއްކޮޅުން އެކަނިވާ ލޯބި އަހަންނާއި ދުރުގައި ބަހައްޓާށެވެ. އެފަދަ ދަޅަ ދައްކާ ލޯތްބެއްގެ ހިޔަނިވެސް އެޅޭކަށް ބޭނުމެއްނޫނެވެ.

މި މުޖްތަމައުގައި އަންހެނުންނާެއި ފިރިހެނުންގެ ފަރަގުވެާކަން ޒާތްޒާތަށް އަހަރެންނަށް ކިޔައިދޭން ނޫޅޭށެވެ. އަހަރެންގެ ކައިރީ ތިބާ އިށީނދެ އިނދެ މިކަމުގެ ހުރި ހަޤީޤަތެއްގެ ވާހަކަ ދައްކަމާ ހެއްޔެވެ.

އަހަރެމެންގެ މި ގުޅުމުގައި އެއްވެސްކަހަލަ މަނާކުރުމެއް، ދަތިކުރުމެއް ނެތެވެ. އަދި އަބަދުވެސް އެއްބަސްކިޔާން ޖެހުމެއްނެތެވެ.

އަހަރެމެންގެ އެކުވުމުގައި ގެއްލި ދިއުމެއްނެތެވެ.އޮތީ އެކަކު އަނެކަކާ އެކީ އެނގި ހުރެ އާބާދުވުމެވެ. ސަބަބަކީ ލޯތްބަކީ ދެމީހެއްގެ ދެމެދުގައި ހުރަހެއް ދުރުކަމެއް ގެނުވައިދޭ އެއްޗެއް ނޫނެވެ. އަދި ލޯތްބަކީ ބަދަލު ހިފުމާއި ހަސަދަވެރިވުމެއް ނޫނެވެ. ލޯތްބަކީ  އޭގެ ސަބަބުން ހިތައް ހަމައެކަނި ހިތާމަ އާއި މަޖްބޫރު ކުރުވުމެއް ނޫނެވެ. ލޯތްބަކީ ތިޔަހިތުން މިހިތައް ދެވޭ އިނާޔަތެކެވެ. އަދި ދެމީހުންގެ ގުޅުމުގެ ޚާލިސްކަމާއި ނިޔަނެތި ކަމެވެ.

އަޑުއަހަން ހުރިނަމަ މިވާހަކަ އަޑުއަހާށެވެ. އަދި މި ކަން ދަންނާށެވެ. ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ. އޭގެ މިސާލެއް ނުވާފަދަ، ސާފު، ހަޤީޤީ ލޯތަބެކެވެ. އިހްސާސްކުރެވޭ، ބިރެއްނެތް، ފަސޭހަ، ލޯބީގެ ގުޅުމެކެވެ. ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ. ބޭނުންވަނީ ލައްޒަތެއްނޫން، އިޝްގެވެ.

އަހަރެން އެފަދަ ލޯތްބަކަށް ސަލާމެއް ނުޖަހަމެވެ، އެހެނީ އަހަންނަކީ އެލޯބީގެ ހައްޤުދާރެކެވެ.

Comments

  1. ލައްޒަތަކީ ހާދަ މާނަފުން ބަހެކޭ ދޯ

    ReplyDelete

Post a Comment